ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމާ ދެކޮޅު ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަނައިބު ނުހިމެނުމަށް ސަރުކާރުން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އޭނާ ހިޔާލުތަފާތު ކަމަށެވެ.
ޤާސިމް ވިދާޅުވީ އަދުލުއިންސާފު ގާއިމުކުރެވޭނީ މިގޮތަށް ގެނެވޭ އިސްލާހަކުންކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބާ ކައުންސިލްގެ އެކްސްކޯގައި 7 މެންބަރުން ތިބޭކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ބަންޑާރަނައިބަކީ އޭގެތެރެއިން އެންމެ ބޭފުޅެއް ކަމަށެވެ. އަދި ކަންކަން ނިމެނީ މެޖޯރިޓީ އޮތްގޮތަކަށް ކަން ފާހަގަ ކުރެއްވިއެވެ.
ބަންޑާރަނައިބު ބާ ކައުންސިލްގައި އިންނެވުމަކީ އެތަނުން ހިނގާ ކަންކަން ގޯސްކޮށް ހިނގާނެ ކަމެއް ކަމަށް ބަލައިގަތުމާ ގަބޫލުކުރާހިއްވާ ކަމެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ލިބުމަކީ މުހިންމު ކަމެއްކަންވެސް ޤާސިމް ފާހަގަ ކުރެއްވިއެވެ.
ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޤާސިމް ތާއީދުނުކުރައްވާކަން ހާމަކުރެއްވިއިރު، މި އިސްލާހަށް ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންވަނީ ތާއީދު ކުރައްވާފައެވެ.