Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ފަވާދު ކައްކާއަކަށް!

ޕާކިސްތާންގެ ތަރި، ފަވާދު ޚާން ދާދި ފަހުން ސޮއިކުރި ބޮލީވުޑްގެ ފިލްމުގައި އޭނަ ކުޅެނީ ޝެފެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ވާހަކަ މީޑިއާތަކުގައި މިދިޔަ މަހުން ފެށިގެން ދެކެވެމުން އަންނަ އިރު، މީޑިއާތަކުން ބުނީ މީގެ ޝޫޓިން ވަރަށް އަވަހަށް އިނގިރޭސިވިލާތުގައި ފަށާނެ ކަމަށެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރާ ފިލްމުގައި ފަވާދު ކުޅޭނީ އިނގިރޭސިވިލާތުގައި އުޅޭ ކައްކާއެއްގެ ރޯލު ކަމަށާއި މިއީ އޭނަގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެންނާނެ ފިލްމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ވާނީ ކަޕޫރް ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ޑައިރެކްޓަރަކީ އާރްތީ ބަގްޅީ އެވެ. އިނގިރޭސިވިލާތުގެ އިތުރުން ފިލްމުގެ މަންޒަރުތަކެއް ޔޫއޭއީގައި ވެސް ޝޫޓްކުރަން ހަމަޖެހިފައިވެ އެވެ.

ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި އެ އަހަރުގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން ސޯނަމް ކަޕޫރްގެ 2014 ގެ "ހޫބްސޫރަތު" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް ކާތިކް އާރިއަނާއި ޓްރިޕްތީ ދިމްރީގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ ވަރަށް ހާއްސަ ފެނިލުމަކުން ވެސް ފަވާދު ފެންނާނެ އެވެ.

ޕާކިސްތާންގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ ފަވާދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހަފުތާގައި ޒީ5 އިން ޕްރީމިއާކުރި ވެބް ސީރީޒް "ބަރުޒަހް" އިންނެވެ.