ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރުގެ ނައިބު ރައީސް ކަމާލާ ހެރިސް އަސް ލިބިވަޑައިގަތުމާ އެކީ، އޭނަގެ ރަނިންމޭޓަކަށް ނަންގަވާނެ ބޭފުޅެއްގެ ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.
ކަމާލާ އަށް ރައީސްކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ ރައީސް ޖޯ ބައިޑެން، އެ ފުރުސަތު ރޭ ދޫކޮށްލެއްވުމާ ގުޅިގެންނެވެ. ބައިޑެން ރިޔާސީ ރޭހުން ފެއަށް ޖެހިވަޑައިގަތް އިރު، އޭނަގެ "ހާލަތު" މިހާރު ހުރި ގޮތުން ރައީސް ކަމަށް ދެން ފިޓް ނޫން ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބުނާ އަޑުތައް ދިޔައީ ވަރަށް ބޮޑަށް ގަދަވަމުންނެވެ.
ކަމާލާ އަށް ބައިޑެން ފުރުސަތު ދެއްވުމާ އެކީ ކެމްޕޭން ދެން އޮތީ މެކުހަށް ޖެހުމެވެ. އެހެންވެ ރަނިންމޭޓްގެ ވާހަކަ މިހާރު އަންނަނީ ވަަރަށް ބޮޑަށް އަންނަނީ ދެކެވެމުންނެވެ.
މީޑިއާތަކުން ބުނީ ރަނިންމޭންޓަކަށް ކަމާލާ ނަންގަވައިފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ފަސް ބޭފުޅަކު މިހާރު "ޝޯޓްލިސްޓް" ގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އަންހެން ބޭފުޅަކު ވެސް ހިމެނިވަޑައިގަނެ އެވެ. އެއީ މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ އެވެ. އަނެއް ބޭބޭފުޅުންނަކީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އާއި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޕީޓް ޕުޓިގީގް އާއި ޕެންސިލްވީނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯގެ އިތުރުން އިލިއޯނިސްގެ ގަވަރުނަރު ޖޭބީ ބްރޮޓިޒްކާ އެވެ.
މި ފަސް ބޭފުޅުންގެ އިތުރުން ވެސް ކަމާލާގެ ރަނިންމޭޓަކަށް ވެދާނެ ކަމަށް ބެލެވޭ ބޭފުޅުންތަކެއް އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝައާ، މޭރީލޭންޑްގެ ގަވަރުނަރު ވެޒް މޯ އާއި ސެނެޓަރުން ކަމަށްވާ އެމީ ކުލަބްޝޯ އާއި ކޯރީ ބުކާގެ އިތުރުން ޖޯޖިއާގެ ސެނެޓަރު ރަފައެލް ވާނޮކް ހިމެނެ އެވެ.
ނޮވެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ވާނީ ކަމާލާ އަށް ވަރަށް ތާރީހީ އިންތިހާބަކަށެވެ. މި އިންތިހާބު އޭނަ އަށް ކާމިޔާބުވުން ވާނީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. މީގެ ކުރިން ރައީސް ކަމަށް ވާދަކުރެއްވި އަންހެން ބޭފުޅުންގެ ތެރޭގައި، މި އަހަރުގެ އިންތިހާބުގައި ވެސް ރިބަޕްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕާ 2016 ގައި ވާދަކުރެއްވި ހިލަރީ ކްލިންޓަން ހިމެނެ އެވެ. އޭނަ އަކީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުންނެވެ.
ކަމާލާގެ ރަނިންމޭޓަށް ވެދާނެ ބޭފުޅަކާ ބެހޭ ބަހުސް ހޫނުވަމުން އަންނަ އިރު، ޓްރަމްޕް މި ފަހަރު ރަނިންމޭޓަކަށް ނެންގެވީ ޖޭޑީ ވޭންސް އެވެ. ދެ ބޭފުޅުން އެކީގައި މިހާރު ގެންދަވަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ.
ބައިޑެން ރިޔާސީ ރޭސް ދޫކޮށްލައްވައި ކަމާލާ އަށް ފުރުސަތު ދެއްވުމާ ގުޅިގެން ޓްރަމްޕް ވަނީ އިންތިހާބު ދެން މާ ފަސޭހަކޮށް ކާމިޔާބު ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.