"ގަރުދިޔަ ކާންޖެހޭ" ހިސާބަށް ރައްޔިތުން ފޮނުވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާއިރު، އެ މައްސަލައަށް ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުނުއިރު އާމްދަނީގެ ގޮތުގައި 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެމުންދިޔަ ކަމަށެވެ. އަދި އިގްތިސާދީ ހުރިހާ ކަމެއްވެސް ހުރީ ރަނގަޅަށް ކަމަށާއި ޓޫރިޒަމްވެސް ބަރާބަރަށް ކުރިއަރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދު އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާންޖެހޭނެ ކަމެއް ނޫންކަމަށްވެސް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، އާމްދަނީގެވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ބޮޑުވެގެން އުޅެނީ ދައުލަތުން ކުރާ ހަރަދުތައް ކަމަށާއި، އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދު ބޮޑުވުމުން އިގްތިސޯދު ފޫނުބެއްދިގެން އުޅޭ ކަމަށް ވިދާޅުވިއެވެ.
މި ވާހަކަތަކާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވާ ޤާސިމް ވަނީ އަބްދުލްޣަފޫރު މޫސާގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޤާސިމް ވިދާޅުވީ ދައުލަތުގެ މާލީހާލަތު މިހާތަނަށް އައީ ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތަކާއި ބޮޑުކުރި ދަރަނީގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ދަށަށް ދިޔައީ މިސަރުކާރުން ކުރި ކަމަކުން ކަމަށް ބުނުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލާ، ނިކަމެތި ހާލުގައި ގަރުދިޔައާ ބަތާ ކާންޖެހޭ ހިސާބަށް ފޮނުވާލީ މިދިޔަ ސަރުކާރުން، މައިގަނޑު ގޮތެއްގައި. 130 ބިލިއަން ރުފިޔާ، ދައުލަތުގެ ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް." ޤާސިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ޕްރޮޖެކްޓުތައް ހިންގާފައިވަނީ ބޮޑު އަގުގައި ކަމަށާއި ކުންފުނިތައް ދަރުވާލާފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެކަންކަން އެގޮތަށް ދިޔަވާހަކަ އެމްއެމްއޭގެ ގަވަރުނަރުގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާކަން ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖެ މިހާލަތުގައި އޮތީ ކުރީ ސަރުކާރުން ރާއްޖެ މިހާލަތަށް ވައްޓާލުމުން ކަމަށެވެ. އަދި މާދަމާ ކޮންމެފަދަ ހިތިބޭހެއް ބޯންޖެހުނަށް އެ ފިޔަވަޅު ރައިސް އަޅުއްވަންޖެހޭ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.