Last Updated: October 18, 11:00
Friday, October 18, 2024
މުނިފޫހިފިލުވުން

ކައިވެނި ރޫޅުމަކީ ދެރައެއް ނޫން: ކިރަން

ކައިވެނި ރޫޅުމަކީ ދެރައެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ ބުނެފި އެވެ.

މި އަހަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ލާޕަތާ ލޭޑީސް" ގެ ޑައިރެކްޓަރު ދިން އިންޓަވިއުއެއްގައި ބުނީ އޭނަ އާއި އާމިރު 2005 ގައި ކުރި ކައިވެނި 2021 ގައި ރޫޅައިލީ ދެ މީހުން އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އެހެންވެ އެއީ ދެ ފަރާތުން ވަރަށް ރަނގަޅަށް ވާހަކަ ދެކެވި، އިހުތިރާމާއި ގަދަރާ އެކީ ރޫޅައިލެވުނު ކައިވެންޏެއް ކަމަށް ކިރަން ބުންޏެވެ.

އެހެންވެ އެ ވަރި ސިފަކުރާނީ "ވަރަށް ހެޕީ ޑިވޯސްއެއް" ގެ ގޮތުގައި ކަމަށް ބުންޏެވެ.

ކިރަން އާއި އާމިރު ވަކިވި އިރު، ދެ މީހުންނަށް ސަރޮގޭޓްކޮށްގެން ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 13 އަހަރުގެ އާޒާދު ރާއޯ ޚާނެވެ. ކިރަން އަކީ އާމިރުގެ ދެވަނަ އަންބެވެ. އޭނަ ފުރަތަމަ ކައިވެނިކުރީ ރީނާ ދައްތާއާ އެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބިފައި ވަނިކޮށް، އެ މީހުން ވަރިވީ 2002 ގަ އެވެ.

އާމިރުގެ ދޮށީ ދަރިފުޅު ޖުނައިދު ޚާން މިދިޔަ މަހުގެ "މަހާރާޖް" އިން ފިލްމީ ދުނިޔެ އަސް ތައާރަފުވެފައިވާ އިރު، އަންހެން ދަރިފުޅު އިރާ ޚާން މި އަހަރުގެ ޖެނުއަރީގައި ކައިވެނިކޮށްފަ އެވެ.

ކައިވެނި ރޫޅުނު ނަމަވެސް އާމިރާއި ކުރީގެ ދެ އަނބިންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން އާއިލީ ކަންކަމުގައި އަބަދު ވެސް އެންމެން އެކަތިގަނޑެއްގެ ގޮތުގައި އުޅެ އެވެ.

ކިރަން ބުނީ ކައިވެނީ ރޫޅައިލި ފަހުން އޭނަ އުޅެނީ މާ ހިތްހަމަޖެހިގެން އުފާވެރިކޮށް ކަމަށެވެ. އަދި އެއްވެސް ވަރަކަށް އެކަނިވެރިކަން އިހުސާސް ނުވާ ކަމަށް ބުންޏެވެ.

"އަހަރެން ބުނާނީ ކުރިއަށް ވުރެ އަހަރެން މިހާރު މާ އިިންޑިޕެންޑެންޓޭ. އަދި މާފުދުންތެރިކޮށޭ މި އުޅެނީ." 2011 ގެ "ދޯބީ ގާތު" އިން ޑައިރެކްޝަނަށް ނުކުތް ކިރަން ބުންޏެވެ. "އަހަރެމެންގެ ކައިވެނި ރޫޅައިލި ނަމަވެސް އެކަކު އަނެކަކަށް އޮތް ލޯތްބާއި އިހުތިރާމާއި ގަދަރަށް އެެއްވެސް ބަދަލެއް ނާދޭ. އެހެންވީމަ ކޮންމެހެން ކައިވެނީގެ ސެޓްފިކެޓް އޮތުން މުހިއްމެއް ވެސް ނޫން."