އެއްވެސް ޓާމް ޗުއްޓީއެއްގައި އެއްވެސް މަސައްކަތަކަށް ޓީޗަރުން ސްކޫލްތަކަށްް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި މިއަދު ފޮނުއްވި ސާކިއުލާއެއްގައި ބުނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދުގެ އިތުރުން މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލްތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
ޓާމު ޗުއްޓީ ތެރޭގައި ޓީޗަރުން ސްކޫލަށް ނެރުން މަނާކުރި އިރު، ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވެފައިވެ އެވެ.
އެގޮތުން ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކޮށް އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.