މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ގެ ޝޫޓިން މިއަދު ނިންމާލައިފި އެވެ.
އެ ވާހަކަ އިންސްޓްގަރާމް ޕޯސްޓެއްގައި ހިއްސާކޮށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނީ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ޝޫޓިން މިއަދު ނިންމައިލި އިރު މިއަދަކީ "ސިންގަމް" ގެ ފުރަތަމަ ބައި ރިލީޒް ވެސް ކުރިތާ 13 ވަނަ އަހަރު ކަމަށެވެ. ރޯހިތުގެ ކޮޕް-ޔުނިވާސްގެ ފެށުން ކަމަށްވާ އެ ފިލްމު ސިނަމާތަކަށް ގެނައީ ޖުލައި 22، 2011 ގަ އެވެ.
އޭގެ ފަހުން 2014 ގައި "ސިންގަމް ރިޓާންސް" ގެނެސްދީފައިވެ އެވެ.
ރޯހިތު ބުނީ އަޖޭ އާއި އޭނައާ ދެމެދު އޮތް ގާތް ގުޅުމަށް މިހާރު 33 އަހަރު ވެސް ވީ ކަމަށާއި އެ ގުޅުން އަބަދު ވެސް ދިޔައީ ބަދަހިވަމުން ކަމަށެވެ. އަދި އޭނަ ފާހަގަކުރި ގޮތުގައި "ސިންގަމް އެގެއިން" އަކީ ޑައިރެކްޓްކުރި 13 ވަނަ ފިލްމެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ ގިނަ ފިލްމުތައް ކުޅުނީ ވެސް އަޖޭކަން ފާހަގަކޮށްލެވެ އެވެ.
ކުޅަދާނަ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ކޮމެޑީ "ސާކަސް" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިންގަމް އެގެއިން" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގަ އެވެ. މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ 15 ގަ އެވެ.
"ސިންގަމް އެގެއިން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފް، ކަރީނާ ކަޕޫރް، އަރުޖުން ކަޕޫރް އަދި ކޮޕް-ޔުނިވާސްގެ އަނެއް ދެ ފިލްމު ކަމަށްވާ "ސިމްބާ" ގެ ބަތަލު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ގެ ބަތަލު އަކްޝޭ ކުމާރު ވެސް ހިމެނެ އެވެ.