Last Updated: September 8, 06:17
Sunday, September 8, 2024
ރިޕޯޓް

ވުޟޫ ދުއާ؛ ސުވަރުގެއިން 8 ދޮރުކޮޅު ހުޅުވައި ދޭނެ!

ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެކަން ކުރާ މީހާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވިގެންދާ ކަމެކެވެ. އެއީ ސުންނަތުގައި އައިސްފައިވާ ފަދައިން ވުޟޫ ފުރިހަމަކޮށް ވުޟޫ ދުޢާ ކިޔުމެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.

(މީހަކު ވުޟޫކޮށް ދެން އެވުޟޫ ފުރިހަމަކުރުމަށް ފަހު أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ.
މިފަދައިން ކިޔައިފި ނަމަ އެމީހަކަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވިގެންދާނެއެވެ. އެއީ އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަދުމަށްޓަކައެވެ.) (رواه مسلم والترمذي واللفظ له)
މި ދުޢާގެ މާނައީ: (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވަމެވެ. އޭ ﷲ! މިއަޅާ ގިނަގިނައިން ތައުބާވާ މީހުންގެ ތެރެއިން ލައްވާނދޭވެ! އަދި ގިނަގިނައިން ޠާހިރުވާ މީހުންގެ ތެރެއިން ލައްވާނދޭވެ!)

އެހެންކަމުން, ވުޟޫ ފުރިހަމައަށް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އަދި ވުޟޫކޮށް އަވަދިވުމުން މިދުޢާކުރަން ހަނދާންކުރާށެވެ.

ނޯޓް: އައްޝައިޚް ޢަބްދުﷲ ޙާމިދު