Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ޔޫއޭއީގައި މުޒާހަރާކުރި ބަންގްލަދޭޝް ބަޔަކު ޖަލަށް

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން ޔޫއޭއީގައި އުޅޭ ބަންގްލަދޭޝްގެ ބަޔަކު އަމިއްލަ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުން ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ ހުކުރު ދުވަހު ޔޫއޭއީގެ އެކި ހިސާބުތަކުގެ މަގުތަކުގައި މުޒާހަރާކުރި މައްސަލައިގައި ޖަލަށް ލާފައި ވަނީ 57 މީހަކު ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު އުމުރަށް ޖަލަށްލި އިރު، 53 މީހަކަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެކެއްގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

އަމިއްލަ ގައުމުގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި ބަންގްލަދޭޝްގެ ބަޔަކު މުޒާހަރާކުރި އިރު، އެ ގައުމުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. ޔޫއޭއީގެ އާބާދީގެ 90 ޕަސެންޓަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި އެ ގައުމުގައި ތިން ވަނަ އަށް އެންމެ ގިނައީ ބަންގްދަލޭޝް އަށް ނިސްބަތްވާ މީހުންނެވެ.

ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ ކޯޓާގެ އުސޫލުގެ މައްސަލާގައި ބަންގްލަދޭޝްގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ އިރު، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި މުޒާހަރާއާ ގުޅިގެން 500 އެއްހާ މީހުން ހައްޔަރުކޮށްފައިވެ އެވެ.