Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކުޅިވަރުން ކޮރަޕްޝަން ނައްތާލަން ކެމްޕޭނެއް

ކުޅިވަރުގެ ދާއިރާ އިން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ކުރިއަރުވަން "ޕަޗަސް" ގެ ނަމުގައި ކެމްޕޭނެއް އިފްތިތާޙުކޮށްފި އެވެ.

މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ކެމްޕޭނަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަނުން ސަލާމަތްކުރުމާއި، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި އިފްތިތާޙުކޮށްފައިވާ ކެމްޕެއިނެކެވެ.

މި ކެމްޕޭނުގައި ހިމެނޭ މައިގަނޑު ކަންކަމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަނާއި، އިދާރީ ހިންގުން (ގަވަރނެންސް)ގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދިރާސާކޮށް ފިޔަވަޅު އެޅުމާގުޅޭ އަދި ނަޒާހަތްތެރި ކުރިއެރުވުމަށް ކުރެވޭނެކަންކަން ބެލުމަށް އޭސީސީއިން މިހާރުވެސް ކުރަން ފަށާފައިވާ ދިރާސާ ކުރުމާއި، އިދާރާތަކާއި، ކުޅިވަރު ޖަމުއިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން މަސްއޫލުވެރި އިދާރާތަކުގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް (ހިންމި) ކުރިއަށްގެންގޮސް، ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ތަންފީޒުކުރުމުގައި އެހީތެރިވުމެވެ.

މީގެއިތުރުން "ކުޅިފަސް" ދިރާސާއާއި،"ހިންމި" ރިސްކް އެސެސްމެންޓުން ފާހަގަވެގެންދާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމާއި ކުޅިވަރާ ގުޅިފައިވާ ކޮރަޕްޝަނުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ކުޅިވަރާއިބެހޭ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައްޗަށް ކުޅިވަރާގުޅޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި، ޖަމިއްޔާޖަމާއަތްތަކުގެ މެންބަރުންނާއި، އާންމުން ހޭލުންތެރިކުރުވައި ކުޅިވަރުގައި ނަޒާހަތްރެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ވެސް މި ކެމްޕޭނުގެ މަގުސަދެކެވެ.