ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެންނަން ޔޫއެންޑީޕީއާއެކު ސޮއިކުރީ ކުރީ ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި، "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތު ތަންފީޒުކުރަން މިއަދު ވަނީ ފަށާފަ އެވެ.
އެކަމާ ގުޅިގެން އަމީރު ވިދާޅުވީ ޔޫއެންޑީޕީއާ އެކު ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭސް ގަންނަން ސޮއި ކުރެވުނީ ކުރީ ސަރުކާރުގެ ދުވަސްވަރު، މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު ކަމަށެވެ. މީގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން, ބޭހަށް ކުރެވޭ ޚަރަދުވެސް އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށާއި މި ހަގީގަތް ނޯޅޭނެ ގޮތަށް ޚަބަރު ގެނެސްދިނުމަށް އަމީރު ވަނީ އެދިފަ އެވެ.
"އެންމެންނަށް އެބަ އެނގޭ މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއްކަން،" އަމީރު ވިދާޅުވި އެވެ.
އެންމެންނަށް އެބަ އެނގޭ މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއްކަން!
ޔޫ.އެން.ޑީ.ޕީ އާއެކު ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭސް ގަންނަން ސޮއި ކުރެވުނީ KUREE SARUKAARUN މި ދިޔަ އަހަރު ޖޫން 1 ގަ. މީގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން, ބޭހަށް ކުރެވޭ… https://t.co/VE4MQdwGFS pic.twitter.com/BfskWBXDdz— Ibrahim Ameer (@iameeru) July 22, 2024
ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް، ފުރަތަމަ ތައާރަފްކުރެވޭ ހަތް ބޭސް ލިބެން ފަށާނެ އެވެ. އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ހުރިހާ ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމާފައިވާއިރު، މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތުދީ، އަންނަ މަހުގެ އެކަކުން ފެށިގެން ހުރިހާ ބަދަލުތަކަށް އަމަލީ ސިފަ ގެންނަން ވަނީ ނިންމާފަ އެވެ.
ޔޫރަޕުން ގެންނަ ބޭސްތަކަށް ވެސް އާސަންދަ ނިޒާމްގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ އެވެ.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.