Last Updated: December 27, 05:44
Friday, December 27, 2024
ދުނިޔެ

ގާޒާގެ ޝަހީދުންގެ އަދަދު 39،000 އަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 39،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 39،006 މީހަކު ޝަހީދުވެފައިވާއިރު 89،818 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި ވެސް 23 މީހަކު ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.