Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކޮލިޓީ ބޭހާ އެކީ އަގުތަކަށް ބޮޑު ބަދަލެއް

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު - ފޮޓޯ: އެންސްޕާ

ޔޫރަޕުގެ ބޭސް ފުރަތަމަ ފަހަރަށް ރާއްޖެ ގެނެސް ދައުރުކުރަން ފެށުމާއެކު، ބޭހުގެ އަގުތަކަށް ހީވެސް ނުކުރާހާ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ބުނެފި އެވެ.

ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި، "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތު ތަންފީޒުކުރަން އިއްޔެ ވަނީ ފަށާފަ އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށާއި މި ސިޔާސަތާއެކު ދައުލަތަށް ވެސް ހަރަދުތަކެއް ކުޑަކުރެވޭ ކަމަށެވެ. އެގޮތުން އާސަންދައިގެ ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ކޮންމެ އަހަރަކު އަންނަނީ އިތުރުވަމުން ކަމަށާއި އެ ބަޖެޓުގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓު ހަރަދު ކުރަނީ ބޭހަށް ކަމަށް ހީނާ ވިދާޅުވި އެވެ.

"އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އާސަންދައިގެ ތެރެއިން ބޭހަށް މި ކުރެވޭ ހަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވިގެން އެބަދޭ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު ބާޒާރުގައި އަގުބޮޑުކޮށް ހުންނަ ބޭހުގެ އަގުތަކަށް ހަގީގަތުގައި އަންނަނީ ހީވެސް ނުކުރާހާ ހެޔޮ ބަދަލެއް ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.

"އަގުތަކަށް މި އަންނަނީ އަޅުގަނޑުމެން ހީވެސް ނުކުރާ ކަހަލަ ހަރުދަނާ، ހެޔޮ ބަދަލުތަކެއް. މި ބަދަލުތަކަކީ އަޅުގަނޑުމެންނަށް ދައުލަތުން މިކުރާ ހޭދައިގެ ތެރެއިން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި އަދި ނިޒާމު އިތުރަށް ފުރިހަމަކުރުމަށްޓަކާ ސޭވް ކުރެވޭ ވަރަށް މުހިއްމު ބައެއްކަން ފާހަގަކޮށްލަން ބޭނުން،" ހީނާ ވިދާޅުވި އެވެ.

ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒު ކުރަން ފަށާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން އިއްޔެ އިން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް، ފުރަތަމަ ތައާރަފްކުރެވޭ ހަތް ބޭސް ލިބެން ފަށާނެ އެވެ. އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ހުރިހާ ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމާފައިވާއިރު، މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތުދީ، އަންނަ މަހުގެ އެކަކުން ފެށިގެން ހުރިހާ ބަދަލުތަކަށް އަމަލީ ސިފަ ގެންނަން ވަނީ ނިންމާފަ އެވެ.

ޔޫރަޕުން ގެންނަ ބޭސްތަކަށް ވެސް އާސަންދަ ނިޒާމްގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ އެވެ.

ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.