Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ސިވިލް ސާވިސް ގަވާއިދަށް އާންމުންގެ ހިޔާލު ހޯދަނީ

ސިވިލް ސާވިސްގެ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި އާންމުންގެ ހިޔާލު ހޯދަން ސިވިސް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ބުނީ މިއީ ސިވިލް ސާވިސް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާ އިން އެ ޚިދުމަތްތައް އަވަސްކަމާ އެކީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށް ދިނުމާއި، އިދާރާތައް ހިންގުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަޞޭހަ ނިޒާމުތައް ގާއިމު ކުރުމަކީ ކޮމިޝަނުން އަބަދު ވެސް ކުރަމުންދާ މަސައްކަތަކެއް ކަމަށް ބުންޏެވެ.

ސީއެސްސީން ބުނީ ކޮމިޝަނުން އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި ސިވިލް ސާވިސްގެ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި މަސައްކަތް ކުރުމުގައި ޢާންމު ރައްޔިތުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާތީ، އެ ފުރުޞަތު ކޮމިޝަނުން ޢާންމުކޮށް ހުޅުވާލީ ކަމަށް ބުންޏެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ހިޔާލުތައް ފޮނުވާނީ މި lad@csc.gov.mv
މެއިލަށެވެ. އަދި ސިވިލް ސާވިސްގެ ގަވާއިދު 2014 އަދި އެ ގަވާއިދަށް ގެނެވިފައިވާ އިޞްލާޙުތައް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ގައި ލިބެން ހުންނާނެ އެވެ.