ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރުމުން އިއްޔެ ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފައެވެ.
ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.
މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާއަކީ ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.