ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަޖަލް އަލީ އަށް އަނެއްކާ ވެސް އިންޑިއާގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކުރީގެ ބަތަލާ ސްރީދޭވީގެ 2017 ގެ ފިލްމު "މޮމް" ގައި ސްރީދޭވީގެ ދަރިއެއްގެ ރޯލު ކުޅުނު ސަޖަލް އަށް މި އަހަރު ފުރުސަތު ލިބުނީ 2022 ގެ ކާމިޔާބު ތެލެގޫ ޕީރިއަޑް ރޮމޭންޓިކް ޑްރާމާ "ސީތާ ރަމަން" ގެ ޑައިރެކްޓަރު ހަނޫ ރަގްވަޕުޅީ ހަދަން ނިންމާފައިވާ އެ ޖޯންރާގެ އެ ފިލްމުން ކަމަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޕްރަބާސް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު ވަރަށް އަވަހަށް އިއުލާން ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އުމުރުން މިހާރު 30 އަހަރުގެ ސަޖަލްގެ އެންމެ ފަހުގެ ފިލްމަކީ "މާސޫމް" އާއި "މިސްޓަ. އިންޑިއާ' ފަދަ ފިލްމުތައް ގެނެސްދިން އިންޑިއާގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް 2022 ގައި ގެނެސްދިން އިނގިރޭސި ރޮމޭންޓިކް ކޮމެޑީ "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟" އިންނެވެ.
ހުނަރުވެރި ބަތަލާ މިހާތަނަށް ވަރަށް ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ ހަމް ޓީވީން މިހާރު ގެނެސްދެމުން އަންނަ "ޒަރުދު ޕައްތޯ ކާ ބަން" އެވެ.
އިންޑިއާގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން ވެސް މިހާރު އަންނަނީ އެނބުރި އަލުން ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވަމުންނެވެ.