Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޗައިނާގެ އެގްޒިމް ބޭންކްގެ ވެރިޔާއާ ބައްދަލުކޮށްފި

ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފޮރިން މިނިސްޓަރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޗައިނާގެ އެގްޒިމް ބޭންކްއާ ވެރިޔާއާ އެކީޯ ބޭއްވި ބައްދަލުވުމާ ގުޅޭ ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި އިސްލާހީ ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ.

އަދި ބައްދަލުވުމުގައި، ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި، މުސްތަގުބަލުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ވެސް އިއްޔެ ބެއިޖިންގައި ބައްދަލޔ ކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގުތިސާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

މިނިސްޓަރު ޒަމީރު މި މަހުގެ 20 ގައި ފެއްޓެވި ދަތުރު ނިންމަވާލައްވާނީ މާދަމާ އެވެ.