Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ސަލްމާންގެ "ކިކް 2" ގެ ޝޫޓިން އަންނަ އަހަރު

ސަލްމާން ޚާންގެ "ކިކް 2" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ދެހާސް ސާދައިގައި ގެނެސްދިން ކާމިޔާބު ފިލްމު "ކިކް" ގެ ސީކްއެލްގެ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެފައިވާ އިރު، މިޑް-ޑޭ އިން ބުނީ މިހާރު ޕްލޭން ކުރަމުން އަންނަނީ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ކަމަށެވެ.

"ކިކް" އަކީ ސަލްމާންގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަލަތު ޑައިރެކްޝަނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ސާޖިދު ޕްރޮޑިއުސްކުރާ ފިލްމެއް ސަލްމާން މިހާރު ވެސް ކުޅެމުން އަންނަކަމެވެ. އެއީ އަންނަ އަހަރު ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ސިކަންދަރު" އެވެ. މީގެ ޑައިރެކްޓަރަކީ އޭއާރް މުރްގަދޯސް އެވެ.

"ކިކް" ގެ ސީކްއެލްގެ ވާހަކަ އަލުން ދެކެވެން ފެށި އިރު، ސާޖިދު ކުރިން ބުނެފައިވާ ގޮތުގައި ފިލްމުގެ ސްކްރިޕްޓް އޮތީ ފައިނަލްކޮށްފަ އެވެ. އެހެންވެ އޭނަ އިންތިޒާރު ކުރަނީ ޝޫޓިން ފަށާނެ ރަނގަޅު އިރުވަރަކަށެވެ. "ކިކް 2" ޑައިރެކްޓްކުރާނީ ސާޖިދު ނޫން ކަމަށް ބުނެ މީގެ ކުރިން އަޑުތަކެއް ފެތުރިފައިވެ އެވެ. ނަމަވެސް އެކަން ސާޖިދުގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓުން ދޮގުކޮށްފައިވެ އެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ޖުލައި 25، 2014 ގައި ރިލީޒްކުރި "ކިކް" ގެ ބަތަލާ އަކީ ޖެކްލީން ފެނާންޑޭޒެވެ. މީގެ ކާސްޓްގައި ރަންދީޕް ހޫޑާ، ނަވާޒުއްދީން ސިއްދީގީ، މިތުން ޗަކްރަބަތީ އަދި އަރްޗަނާ ޕުރާން ސިންގް ވެސް ހިމެނެ އެވެ.

ޖުމްލަ 140 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ކިކް" އަށް އާމްދަނީގެ ގޮތުގައި 402 ކްރޯޑް ރުޕީސް (48.04 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.