Last Updated: January 12, 23:19
Sunday, January 12, 2025
ޚަބަރު

މައުލޫމާތު ނުދީގެން ޕީޖީއަށް ފޮނުވި މައްސަލަ ފުލުހަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް- ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ އަމަލެއް ހިމެނޭތޯ ބަލަން ތަހުޤީޤުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ މައުލޫމާތޫ ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަޙްމަދު ވ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައްސަލައާ ގުޅުންހުރި ލިޔެކިޔުން އައިކޮމްއިން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެފަރާތަކާމެދު ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ތަޙްޤީޤުކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ގޮތަށް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، ޤާނޫނީ ގޮތުން ލިބިދޭ ހައްޤުތައް ލިބިދީގެން ހިންގާ ތަހުޤީޤެއް ކަމަށާއި އެ ތަހުގީގު ހިންގުމުގެ ބާރު، ޤާނޫނީ ގޮތުން ލިބިދެނީ ފުލުހުންނަށް ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބައްލަވައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކުރައްވައި، ތަޙްޤީޤުގެ ހޯދުންތަކާއެކު މިއޮފީހަށް ފޮނުއްވައި ދެއްވުން އެދި، މިއަދު، ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއޮފީހުން ދަންނަވައިފީމެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، އާންމު މައްސަލަތަކާ ހިލާފަށް މިމައްސަލައިގެ ތަހުގީގު ހިނގާގޮތް ގާތުން ބަލަމުންދާނެ ކަމަށެވެ.

މިމައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަހުޤީޤުގެ ހޯދުންތަކަށް ބަލައި، އެކަމުގައި އަމަލުކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.