ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރުމުން އިއްޔެ ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފައެވެ. ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ވަނީ މުނައްވަރު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން އިންޓަވިއު ތާވަލުކުރެވެން ނެތްކަން ހާމަކުރައްވާފައެވެ. މާލިއްޔަތު ކޮމިޓީން މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު މިއަދު ނިންމާފައިވަނީ އަންނަ ހަފުތާ ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި ގޮތެއް ނިންމުމަށެވެ.
މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާއަކީ ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.