Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

މެރިން ސައިންސް ސިމްޕޯސިއަމް މާދަމާ ފަށަނީ

"މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް" މާދަމާ ފަށަން ނިންމައިފި އެވެ.

މިއީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ ސިމްޕޯސިއަމެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އިވެންޓް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މިއީ ކޮންމެ ދެ އަހަރުން އެއްއަހަރު ކުރިއަށް ގެންދާ ސިމްޕޯސިއަމް އެކެވެ.

ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ސިމްޕޯސިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގަ އެވެ. މިނިސްޓްރީން ބުނީ އެ ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމަށްޓަކައި އޮންލައިންކޮށް ބެލޭނޭ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދެހާސް ސޯޅަ އިން ފެށިގެން ބާއްވަމުން އަންނަ ސިމްޕޯސިއަމްގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުމެވެ.

މިއަހަރު ސިމްޕޯސިއަމްގައި 63 ދިރާސާގެ ތެރޭގައި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނޭނެ އެވެ. ހުށަހަޅާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށެވެ. އެއީ'ކޮރަލްސް އެންޑް ރީފް އިކޮލޮޖީ، ފިޝަރީޒް އެންޑް އެކުއަކަލްޗާ، ޝާކްސް އެންޑް ރޭސް، އަދާ މެރިން މެގަ-ފައުނާ، މެންގްރޫވްސް އެންޑް ސީ ގްރާސެސް އަދި މިސެލޭނިއަސް މެރިން ތީމްސް އެވެ.

މި ސިމްޕޯސިއަމްގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރަމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ.