Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފެނަކަ 50،000ރ. އިން ޖޫރިމަނާކޮށްފި

ދާދި ފަހުން ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އޭގެ ތެރެއިން އެކަކު ނިޔާވި މައްސަލައިގައި ފެނަކަ ކުންފުނި 50،000ރ. ން ޖޫރިމަނާކޮށްފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ) އިން މިއަދު ބުނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީ އަށް ލިބުނީ ސޯޝަލް މީޑިއާގެ ޒަރިއްއާއިން ކަމަށާއި އެއާ އެކީ އެކަން ތަހުގީގު ކުރަން ފެށި ކަމަށެވެ. އެގޮތުން ތަހުގީގުގެ ތެރެއިން، ކަން ހިނގައިދިޔަ ގޮތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ކުދިންތަކެއް ކަރަންޓްގައި ޖެހުނު މައްސަލަ ދިމާވާން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސަކިޓް ބްރޭކަރު (އީއެލްސީބީ) އާއި މިނިއޭޗަ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައިނު ވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުން ކަމަށް ތަހުގީގުން ހާމަވި ކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ތަހުގީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ދެމުންގެން އަންނަ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު (އީއެލްސީބީ) ހަރުކުރެވި ވެސް ނެތް ކަމަށެވެ.

އެގކތުން އުނގޫފާރު ހާދިސާ ހިނގަން ދިމާވި މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވެފައިވާތީ ކަމަށް ތަހުގީގަށް ސާބިތުވެފައިވާތީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50000ރ. އިން ފެނަކަ އިއްޔެ ޖޫރިމަނާކުރީ ކަމަށް ބުންޏެވެ.

އެ ފައިސާ ފެނަކަ އިން 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާތު ލީކް ސަކިޓް ބްރޭކަރާއި މިނިއޭޗަ ސާކިޓް ބްރޭކަރު ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އަންގައިފައެވެ.

އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވީ، ވިއްސާރަވެ ހެދިފައި އޮތް ކޯރުގަނޑެއްގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތްކުރަން ދިޔުމުންނެވެ. އެ ހާދިސާއާ ގުޅިގެން މަރުވީ އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް 18، އެވެ.

އުނގޫފާރު ހާދިސާއާ ގުޅިގެން ފެނަކަ އިން ރަށްރަށުގެ މަގުމައްތިތަކުގެ އިންސްޕެކްޝަނެއް ކައުންސިލްތަކާ ގުޅިގެން ހަދައި، މައްސަލަތައް ހުރި ބައްތިތަކުގެ މައްސަލަތައް ހައްލުކުރަން ކައުންސިލަށް ވެސް ފުރުސަތު ދީފައިވ އެވެ.