Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އެއާ އަރޭބިއާގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އަަރޭބިއާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އާއި ޝާރްޖާއާ ދެމެދު ކޮންމެ ދުވަހު ދަތުރުތައް ބާއްވާ ގޮތަށް، ދަތުރު ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ކަމަށެވެ.

އެއާ އަރޭބިއާ ގްރޫޕްގެ ސީއީއޯ އާދިލް އަލީ ވިދާޅުވީ އެ އެއާ ލައިނުން ރާއްޖެ އަށް ފަށާ ދަތުރުތަކާ އެކީ މެދުއިރުމަތިން ރާއްޖެ އަށް ދަތުރު ކުރަން ބޭނުންވާ ގިނަ ބަޔަކަށް ވަރަށް ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖެ އަށް ދަތުރުތައް ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެމެންގެ ނެޓްވޯކް އިތުރަށް ފުޅާވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް." އާދިލް ވިދާޅުވި އެވެ.

އެއާ އަރޭބިއާ އަކީ މީގެ 20 އަހަރު ކުރިން އޮކްޓޯބަރު 28، 2003 ގައި ވައިހެ ހިދުމަތަށް ނުކުތް އެއާލައިނެކެވެ. މިހާރު 170 މަންޒިލަކަށް އުދުހޭ އެއާ އަރޭބިއާގެ ފްލީޓްގައި 64 ބޯޓް އޮވެ އެވެ. އެ އެއާލައިންގެ ދަތުރުތަކަށް ބޭނުން ކުރަނީ އޭ320 އާއި އޭ321 މަރުކާގެ ބޯޓްތަކެވެ.

ރާއްޖެ އަށް މިހާރު ދަތުރުތައް ބާއްވާ އެއާލައިންތަކުގެ އަދަދު 50 އާ ގާތްކުރެ އެވެ.