Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ޓެނިސް ތަރި މުރޭ ރިޓަޔާ ކުރަނީ

މި އަހަރުގެ އޮލިމްޕިކްސް އަށް ފަހު ޓެނިހުން ރިޓަޔަކުރަން ނިންމާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޓެނިސް ތަރި އެންޑީ މުރޭ ބުނެފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި 37 އަހަރުގެ ތަރި ބުނީ ޕެރިސް އޮލިމްޕިކްސް ވާނީ އޭނަ ޕްރޮފެޝަލްކޮށް ޓެނިސް ކުޅޭ ފަހު މުބާރާތަށް ކަމަށެވެ. އެހެންވެ މި ފަހަރު މި މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ މުބާރާތަކަށް ވާނެ ކަމަށް މުރޭ ބުންޏެވެ.

ޕެރިހުގައި މި މަހުގެ 26 އިން އަންނަ މަހުގެ 11 ގައި ބާއްވާ އޮލިމްޕިކްސް ވާނީ ޓެނިހުގެ ކެރިއަރުގައި މުރޭ ވާދަކުރާ ފަސް ވަނަ އޮލިމްޕިކްސް މުބާރާތަށެވެ. އޭނަ އެންމެ ފުރަތަމަ ވާދަކުރި އޮލިމްޕިކްސް މުބާރާތަކީ 2008 ގައި ޗައިނާގެ ބެއިޖިންގައި ބޭއްވި މުބާރާތެވެ. މުރޭ އަކީ އޮލިމްޕިކްސްގެ ޓެނިސް ސިންގަލްގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދި އިނގިރޭސިވިލާތުގެ ހަމައެކަނި ފިރިހެން ޓެނިސް ކުޅުންތެރިޔާ ވެސް މެ އެވެ.

މުރޭ އަކީ ތިން ފަހަރަށް ގްރޭން ސްލޭމް ވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.