Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މާލެ އާއި ވިލިމާލޭގެ މަގު ހަދަން ޗައިނާއާއެކު ސޮއިކޮށްފި

މާލެއާއި ވިލިމާލޭގެ މަގު ހަދަން ޗައިނާ ސަރުކާރާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ) ގެ ޗެއާމަން ލިއޯ ޒައޯހުއި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިއީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށްޓަކާ ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ޗައިނާ އިން ވަނީ ހަމަޖައްސާދީފަ އެވެ. މާލެ އާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މި ހިލޭ އެހީގެ ދަށުންނެވެ.