Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ޕްރޮޖެކްޓުތަކުގެ ރިބަން ކެނޑުން ނޫން ކަމެއް ނުކުރޭ

މި ސަރުކާރުން ކުރިއަށް އޮތް ހަތަރު ވެސް އުޅޭނީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ނިމުމުން ރިބަން ކެނޑުމުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް ބާކީ އޮތް ހަތަރު އަހަރު ވެސް މި ސަރުކާރުގެ ބޭފުޅުން އުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ނިމުމުން، ރިބަން ކަނޑައި އިފްތިތާހް ކުރުމުގައި ކަމަށެވެ.

"ކުރީ ސަރުކާރުން ފަށާފައިވާ ކަންތައްތައް ނިމުނީމާ އޭގެ ކްރެޑިޓް ނަންގަވަން އުޅުން ފިޔަވައި އެއްވެސް ކަމެއް ނުކުރާނެ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އެ ނޫން ކަމެއް ކުރުމުގެ ބުއްދިއެއް ވެސް މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ނެތް ކަމަށާއި ވައުދުވި ކަންކަން ކުރަން ނުވެސް އުޅޭ ކަމަށެވެ. އަދި މުޅިންވެސް އުޅެނީ މަކަރާއި އޮޅުވާލުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވި އިރު، މިދިޔަ ފަސް އަހަރު ރާއްޖޭގެ މިސްރާބު ހުރީ ކޮރަޕްޝަންގެ ތެރެއަށް ގޮސް ހުސްވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީން ވެރިކަން ނިންމާލީ ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި 120 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ދަރަނި އަޅުވާފައި ކަމަށާއި އަދި ވެރިކަމުން ފައިބައިގެން ދިޔައީ 9 ބިލިއަން ރުފިޔާގެ ބިލު ނުދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.