Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ޖެހޭ

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ފޮޓޯ: މަޖިލިސް

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަންޖެހޭ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޓޮމް މިހެން ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒް ކޮމިޓީއަކުން ހިންގަން ފީފާއިން ނިންމުމުންނެވެ.

އެކަމާ ގުޅިގެން ޓޮމް ވިދާޅުވީ ފީފާގެ ނިންމުމާ އެކު ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީ ކަމަށެވެ.

"މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރުމަށް އަދިވެސް ކުރަން ހުރި މަސައްކަތް މަދެއްނޫނެވެ. ފީފާގެ ނިންމުމަށް މަރުޙަބާ އެވެ،" ޓޮމް ވިދާޅުވި އެވެ.

ފީފާއިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން މި ނިންމީ، އިންތިހާބު ވެސް ހުއްޓުވައި އަދި ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް ސަސްޕެންޑް ކުރުމަށް ފަހު އެވެ.

އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ފީފާ އިން ބުނެ އެވެ.

މި ކޮމިޓީ އެކުލެވިގެންދާނީ ގާނޫނީ، މާލީ، އަދި ފުޓުބޯޅައާ ގުޅުން ހުރި އެކަށީގެންވާ ތަޖުރިބާކާރުންގެ މައްޗަށް ކަމަށާއި އެ ކޮމިޓީ އެކުލަވާލާނީ ފީފާ އާއި އޭއެފްސީ ގުޅިގެން ކަމަށްވެސް ފީފާއިން އަންގާފައިވެ އެވެ.