Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ރަޖިސްޓްރީނުކޮށް ހުރި ވެހިކަލްތައް މަގުމަތިން ނަގަނީ

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިފި އެވެ.

އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދެއް މިހާތަނަށް ވަނީ ނަގައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.