Last Updated: September 8, 06:17
Sunday, September 8, 2024
މުނިފޫހިފިލުވުން

"އެންމެ ހިތްދަތި ލޯބީ ވާހަކަ" ގެނެސްދެނީ

"ޖާނަމް ތޭރީ ގަސަމް" އަކީ ހިމޭޝް ޕްރޮޑިއުސްކުރާ ފިލްމެއް.

"އެންމެ ހިތްދަތި ލޯބީގެ ވާހަކަ" ކިޔައިދޭ ފިލްމުގެ ގޮތުގައި "ޖާނަމް ތޭރީ ގަސަމް" އިއުލާންކޮށްފި އެވެ.

ތީމް ލަވައިގެ ތަންކޮޅަކާ އެކީ ޓައިޓްލް ޓީޒާ ވެސް އިއްޔެ ދައްކައިލި މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭނަ މިއުޒިކް ވެސް ހަދައި އަދި ލަވަތަކުން ހިމޭޝްގެ އަޑު ވެސް އިވިގެން ދާނެ "ޖާނަމް ތޭރީ ގަސަމް" ގެ ޑައިރެކްޓަރުންނަކީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.

އެ ދެ މީހުން ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ޔާރިޔާން 2" އާއި 2016 ގެ "ސަނަމް ތޭރީ ގަސަމް" އާއި ސަނީ ޑިއޯލް އާއި ކަންގަނާ ރަނާވަތުގެ 2015 ގެ "އައި ލަވް ނިއު ޔޯކް" ގެ އިތުރުން ސަލްމާން ޚާންގެ 2005 ގެ "ލަކީ: ނޯ ޓައިމް ފޯ ލަވް" ހިމެނެ އެވެ.

އަންނަ އަހަރުގެ އޮކްޓޯބަރުގައި ބެލުންތެރިންނަށް ގެނެސްދޭނެ "ޖާނަމް ތޭރީ ގަސަމް" ގެ ލީޑުން ފެންނާނީ ޒުވާން އާ ކާސްޓެކެވެ.