މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ނިކުތީ ރާއްޖޭގައި އަށަގަންނަމުން އަންނަ "އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށް އަޑު އުފުލަމެށެވެ. ރާއްޖޭގެ ގާނޫނު އަސާސީ އޮވެމެ، އެގާނޫނު އަސާސީއަށް މަޖްލިސް ތެރެއިން ބަދަލު ގެނެސް މިއަދުގެ ސަރުކާރުން ހިތު ހުރި ގޮތެއް ހަދާކަށް ދިވެހި ރައްޔިތުން ނޭދޭތީއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އޮތް ނުހައްޤު އަނިޔާ ކުރުން ހުއްޓުވާލީ މިހާރު އަމަލް ކުރަން ފަށާފައިވާ ގާނޫނު އަސާސީންނެވެ. އާއްމު ނަމުންނަމަ "ފެހި ގާނޫނު އަސާސީން" ދިވެހިންނަށް އެތައް ހައްޤުތަކެއް ވަނީ ލިބި ދީފައެވެ.
ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިރު، ފުލުހުންގެ މުވައްސަސާ ގާނޫނަކުން އުފައްދައި އެގާނޫނުން ފުލުހުންނަށްވެސް ވަނީ ކުރިން ނުލިބޭ ފަދަ މިނިވަން ކަމަކާއި، ބާރުތަކެއް ލިބި ދީފައެވެ.
މޭއި މަހުގެ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުން އަމަލް ކޮށްފައިވާ "އަނިޔާވެރިކަމަކީ" 2003 އޮގަސްޓް 12،13ގައި ދިވެހިން ދުށްފަދަ އަނިޔާވެރި އަމަލްތަކެވެ. އޮގަސްޓް 12، 13ގައި އޭރުގެ ދިފާއީ ބާރުން ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށް އަނިޔާވެރިވެފައިވަނީ އެފަދަ ކަމަކަމަށް އޭރު އެފަރާތްތަކުން ތައްޔާރުވެފައި ނެތީ ކަމަށް ވެދާނެއެެވެ. އެދުވަހުގެ މަސްރަހް ހީނުކުރާ ގޮތަކަށް ބަދަލްވެ، ގޮތް ހުސްވުމުން އަތު ޖެހުނު ބާރެއް ބޭނުން ކުރީ ކަމަށް ގަބޫލް ކުރެވިދާނެއެވެ.
ނަމަވެސް މޭއި 1 ވަނަ ދުވަހު ފުލުހުން ރައްޔިތުންގެ މައްޗަށް "އަނިޔާވެރިވެފައިވާ" ހާލަތު މުޅިން ތަފާތެވެ. ދުރާލާ ފުލުހުން ދިޔައީ މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ. އެކަން އެންމެ ރަނގަޅަށް ފެނިގެންދަނީ ޕޮލިސް މީޑިއާ މެދުވެރިކޮށް އާއްމުކޮށްފައިވާ ވީޑިއޯ ތަކުންނެވެ.
ދިވެހި ފުލުހުންގެ މުވައްސަސާގައި މިފަދަ އެއްވުންތައް ޕްރޮފެޝަނަލްކޮށް ރޫޅާލާނެ ގާބިލްކަން ހުރިކަން ޔަޤީންއެވެ. އެކަން ފުލުހުން ކުރިން ސާބިތުކޮށްދީފައިވެއެވެ.
މޭއި މަހުގެ 1 ވަނަ ދުވަހުގެ މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ، އާއްމު ރައްޔިތުންނަށް ދިން އަނިޔާ ޓީވީތަކުން މިހާރުވެސް ދަނީ ދައްކަމުންނެވެ. އަތު ޖެހުނު މީހަކަށް ހިތު ހުރި އަނިޔާތަކެއް ކުރިއެެވެ. މުޒާހަރާގެ ތެރެއިން 193 މީހަކު ހައްޔަރުކޮށްފައިވާ އިރު ހައްޔަރު ކުރި މީހުންނާއި މެދު ފުލުހުން އަމަލް ކޮށްފައިވަނީ ވަރަށް އިހާނެތިކޮށެވެ. ހައްޔަރުކޮށް އެތައް ބަޔަަކަށް ނުހައްޤު އަނިޔާ ވަނީ ކޮށްފައެވެ.
ހައްޔަރު ކުރުމުގައި، "އަނިޔާކޮށް" އަނިޔާލިބުނު ފަރަާތްތައް ޑޮކްޓަރަށް ނުދައްކާ ހުރި އިރު ގިނަ ބަޔަކަށް ދިފާއީ ވަކީލުންގެ އެހީތެރިކަން ހޯދައި ދިނުމަށް ހުރަސް އަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މުޒާހަރާގެ ތެރެއިން އަނިޔާވި ކަމަށް ބުނާ 2 ފުލުހަކަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންގޮސްފައިވާ އިރު އެ ހާދިސާ އަކީ ފުލުހުން ކުޅުނު ޑްރާމާއެއްކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުން އެގޮތަށް ބުނަން ޖެހޭ ސަބަބުތައް ވެސް ގިނައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން އެދެ ފުލުހުންނަށް ފަރުވާ ދިނުމަށް ފަހު ތިބި ގޮތާއި، ފަހުން އެދެ ފުލުހުން ރާއްޖޭން ބޭރަށް ގެންދިއުމަށް "ކަފުން" ކޮށްފައިވާ ގޮތެވެ.
ފުލުހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހޯދުމަށް ފުލުހުން، ފުލުފުލުގައި އިއްލާން ކުރަމުން އަންނަ އިރު މުޒާހަރާ އާއި ގުޅުމެއް ނެތް އެތައް ބަޔަކަށް ފުލުހުން ކުރި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ބެލުމަށް ޕޮލިސް އިންޓަގްރެޓީ ކޮމިޝަނުން ފަށާފައިވޭތޯއެވެ. ފުލުހުން އާއްމުން ތަޅައި ކުރީ "އަނިޔާ" ނޫން ބާވައެެވެ؟
އުމުރުން ދުވަސްވީ މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި، އަދި ބައެއް އަންހެން ކަނބަލުންނަށް ފުލުހުން ދިން އަނިޔާ އާއި ގުޅިގެން އެކަން ބަލާނެ ފަރާތެއް ނެތުމަކީ، ދިވެހިން މިއަދު މަގު މައްޗަށް ނިކުންނަ މައިގަނޑު ސަބަބެވެ.
އާއްމު ރައްޔިތުން ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމަކީ މައްސަލައެކެވެ. އެކަން ތަހްގީގު ކުރުމަށް ފުލުހުން ކުރާ މަސައްކަތްވެސް ރަނގަޅެވެ. ހަމައެފަދައިން ދެން ހުރި ވީޑިއޯތައް ބަލައި ނުހައްޤު ބާރު ބޭނުންކޮށް އާއްމު ރައްޔިތުންނަށް އަނިޔާކުރި ފުލުހުންވެސް ތަހްގީގުކޮށް އިންސާފުގެ ކުރިމައްޗަށް ނެރެދޭށެވެ.
އެކަން ކުރެވިއްޖެ ނަމަ ފުލުހުންނަކީ ޕްރޮފެޝަނަލް ބައެއް ކަމަށް ދިވެހިން ގަބޫލް ކުރާނެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން އުފައްދާފައިވާ މުވައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށް މަސައްކަތް ކުރަންޖެހޭ ބައެކެވެ. ފުލުހުން ﷲ ގަންދީ ހުވާ ކޮށްގެންތިބީ އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ދޭން ބުނެއެވެ. އެއްވެސް ހާލެއްގައި ފުލުހުންނަކީ އެމީހުންނަށް މުސާރަދޭ ރައްޔިތުން ތަޅަން ތިބި ބައެއް ނޫނެވެ.