އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ މި އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ފުރައިފި އެވެ.
މި މުބާރާތުގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާމެ އެވެ. އެއީ ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ސްވިމިންގެ އިތުރުން ޓީޓީންނެވެ.
އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލައި ދޭނީ ޓީޓީ ތަރި ދީމާ އަލީ އާއި އެޓުލެޓިކްސްގައި ވާދަކުރާ އިބާދުﷲ އާދަމެވެ. ދީމާ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވެގެން ވާދަކުރާ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރާއްޖޭގެ ފަސް އެތުލީޓަކުން މި ފަހަރުގެ ގޭމްސްގައި ވާދަކުރާ އިރު، އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނީ އެތުލީޓުންނަކީ މުޙައްމަދު އާން ޙުސައިނާއި ޢާއިޝަތު ޢުލްޔާ ޝާއިޤް އެވެ.
މި މަހުގެ 26 އިން އަންނަ މަހުގެ 11 އަށް ކުރިއަށް އޮލިމްޕިކްސްގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެފައި ވަނީ އޮލިމްޕިކްސްގައި މި ފަހަރު ރާއްޖެ އިން ވާދަކުރަނީ ނަމޫނާ އެތުލީޓުންތަކެއް ކަމަށާއި ރަނގަޅު ކާމިޔާބީ އަށް ވެސް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.