Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޝަމްނާޒް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒާއި ކޮއްކޮ ހައްވާ ސަނާ ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ނުގަންނަން ނިންމައިފި އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ޝަމްނާޒްގެ ދެބެއިން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ އެ މީހުން ދޫކޮށްލީ މި މަހުގެ މެދުތެރޭގަ އެވެ.

އެ މީހުން ބަންދުން ދޫކުރި ނަމަވެސް މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.

ޝަމްނާޒާއި ކޮއްކޮގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ދެކޮޅު ހަދާފައިވަނީ އެ މައްސަލައިގައި ޝަމްނާޒްގެ ފަރާތުން އެކަށީގެންވާ ގާނޫނީ ބަހުސެއް އުފައްދާފައި ނުވާތީ އެވެ. އަދި އެކަން ވަނީ ރަސްމީކޮށް ލިޔުމަކުން ވެސް އަންގައިފަ އެވެ.

މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަންނަން ނިންމި ނަމަވެސް ހައި ކޯޓަށް މައްސަލަ އަދިވެސް ހުށަހެޅުމުގެ ފުރުސަތު ޝަމްނާޒަށް އޮންނާނެ އެވެ. އެއީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށް ދިނުމަށް އެދި ފަނޑިޔާރުންނަށް ހުށަހަޅާ ހުށަހެޅެއ2ްގެ ގޮތުގަ އެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާގެ އިތުރުން ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކުރީ މިދިޔަ މަހުގެ 23 އެވެ.

ޝަމްނާޒް ސްޓޭޓް މިނިސްޓަރުކަމުން ވަކިކުރީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.