Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ފެނަކަ މެދުވެރިކޮށް ގައުމީ ފެންވަރެއްގައި ކުރީ ވައްކަން

މެންބަރު މުހައްމަދު މަމްދޫހު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ގައުމީ ފެންވަރެއްގައި ކުރީ ވައްކަން ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި މެންބަރު އިބްރާޙީމް ނާޒިލް ހުށަހެޅި ކުއްލި މައްސަލައަށް މެންބަރުން ވަނީ ބަހުސް ކޮށްފައެވެ. މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު މަމްދޫހު ވަނީ އައްޑޫސިޓީން ކަރަންޓު ކެނޑުނީ މަގުހެދުމަށް މަސައްކަތްކުރި ކުންފުނިއަތުން ކޭބަލެއް ބުރިވުމުންކަން ފާހަގަ ކޮށްފައެވެ.

މަމްދޫހު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަކީ މިފަހުން ދިމާވި މައްސަލައެއް ނޫންކަމަށެވެ. އަދި އައްޑުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ޕްރޮޖެކްޓެއް ހިންގަމުންދާކަން ފާހަގަ ކުރެއްވިއެވެ. މި ޕްރޮޖެކްޓް ނިމުމުން ކުރިއަށް އޮތް 25 އަހަރަށް އައްޑޫއަށް ކަރަންޓުގެ މައްސަލައެއް ދިމާނުވާނެ ކަމަށް ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ ފެނަކަ ބޮޑުކޮށް ދަރާފައިވަނީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި މިދިޔަ ސަރުކާރުން ވައްކަން ކޮށްފައި އޮތުމުން ކަމަށެވެ.

"މުޅި ރާއްޖޭގައި ފެނަކައިގެ ވާހަކަ ގައުމީ މައްސަލައެއް ގޮތުގައި ދައްކަމުން މިދަނީ، ކަރަންޓުގެ މައްސަލައިގެ ވާހަކަ ދައްކަވަމުން މިދަނީ، ގައުމީ ފެންވަރެއްގައި ނިމިދިޔަ ސަރުކާރުން ފެނަކަ މެދުވެރިކޮށް ވައްކަން ކޮށްފަ އޮތީމަ." މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި މިއަދު ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ ނިމިދޔަ އެމްޑިޕީ ސަރުކާރުން ފެނަކަ 4 ބިލިއަނުން ދަރުވާލާފައި ދިއުމުން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ވެރިންގެ ޖީބުތަކަށް ފައިސާ އެޅުމުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.