Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ހާފްވޭ ހައުސްގައި އައުޓްޕޭޝަންޓް ފަށަނީ

ހުޅުމާލޭގެ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނުގައި އައުޓް ޕޭޝަންޓް ކްލިނިކްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ޑެޕިއުުޓީ މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް ވޭތުވެ ދިޔަ 13 ވަރަކަށް އަހަރު އެކަށީގެންވާ ޚަރަދުތަކެއް ކުރެވިފައި ނުވިޔަސް މި ސަރުކާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މި އަހަރުތެރޭގައި ގެނައުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން، މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ލުބްނާ ވިދާޅުވި އެވެ.

"ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން ވަނީ މިހާރު ނިންމާފައި ހުޅުމާލޭ ހާފްވޭ ހައުސްގައި ފަރުވާއަށް އައުޓްޕޭޝަންޓު ކްލިނިކްގެ ޚިދުމަތް ފެށުމަށް،" އޭނަ ވިދާޅުވި އެވެ. "އޭގެ މާނައަކީ ޢައިލާކައިރީގައި ތިބެގެން ވަކި ގަދިތަކެއްގައި ގޮސް ބޭނުންވާ ފަރުވާ ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމު ކުރުން."

ހޯމްލޭންޑް މިނިސްޓްރީން ބުނީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެކަން ޙައްލު ކުރުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.