Last Updated: September 8, 06:17
Sunday, September 8, 2024
މުނިފޫހިފިލުވުން

ކާތިކްގެ "ޕަތީ، ޕަތުނީ އޯރް ވޯ" ގެ ދެވަނަ ބައެއް

މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ކާތިކް އާރިއަންގެ ކާމިޔާބު "ޕަތީ، ޕަތުނީ އޯރް ވޯ" ގެ ދެވަނަަ ބަޔަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މުދައްސަރު އަޒީޒު 2019 ގައި ޓީ ސީރީޒަށް ހެދި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު އޮތީ ނިންމާފައި ކަމަށެވެ. އެހެންވެ އޭނަ އަންނަ މަހުގެ 15 ގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ "ކޭލް ކޭލް މޭ" ގެ މަސައްކަތްތަކުން އެއްކޮށް އަތްދޫކޮށްލުމަށް ފަހު، ލަސްތަކެއް ނުވެ "ޕަތީ، ޕަތުނީ އޯރް ވޯ 2" އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެކަމަކު މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި ޓީ ސީރީޒުން ވަކި އެއްޗެއް ނުބުނެ އެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "ޕަތީ، ޕަތުނީ އޯރް ވޯ" އަކީ ހަމަ އެ ނަމުގައި ގެނެސްދީފައި އޮތް 1978 ގެ ރޮމޭންޓިކް ކޮމެޑީގެ ރިމޭކެކެވެ. ބީއާރް ޗޯޕްޅާ ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ސަންޖީވް ކުމާރާއި ވިދިއާ ސިންހާގެ އިތުރުން ރަންޖީތާ އެވެ.

ކާތިކްގެ ފިލްމުގެ ބަތަލާއިންނަކީ އަނަންޔާ ޕާންޑޭ އާއި ބޫމީ ޕިޑްނޭކަރެވެ.

"ޕަތީ، ޕަތުނީ އޯރް ވޯ" ގެ މައިގަނޑު ޕްލޮޓް އެނބުރެނީ ފިރިޔަކު ހިންގާ އޮފީސް ލޯބީގެ ގުޅިގަނޑަކަށެވެ.

މިދިޔަ މަހު ރިލީޒްކުރި "ޗަންދޫ ޗެމްޕިއަން" އަށް ފަހު ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ ނޮވެމްބަރުގައި ގެނެސްދޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އިންނެވެ.