Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އިސްލާހެއް

ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލުގެންނަން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުއެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފަވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފިޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

މި އިސްލާހުގައި ވާގޮތުން ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެނަމަ، އިހުމާލުވާ މީހުންގެ މައުލޫމާތު އާންމުކޮށް 50،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވަކިމުއްދަތެއް ވަންދެން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ހުއްޓުވާލެވޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީންނަށް އިހުމާލުވުން ބަލާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން އެމީހުންނަށް މުސާރަ ނުދިނުން، ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުން އަދި ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އެހެން ކަމެއް އެމީހުންލައްވާ ކުރުވުން ހިމެނެއެވެ.