Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

އާ މަޖިލީހުގެ ގަވާއިދު ފާސްކޮށްފި

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރާނެ މަޖިލީހުގެ ގަވައިދު ފާސްކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ފާސްކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައެވެ. ގަވައިދު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވައިދު ފާސްކޮށްފައިވަނީ މެންދުރު ނަމާދު ވަގުތަށް ޖާގަ ދިނުމަށް 12:00 ގައި މަޖިލީހުގެ ޖަލްސާ ހުސްވަގުތުކޮޅަށްދާ ކަމަށެވެ.

މީގެއިތުރުން ސުލޫކީ މިންގަޑާ ހިލާފުވާ މެންބަރުންނާމެދު އަޅާނެ ފިޔަވަޅުތައްވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މަޖިލީހުގެ މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފިނުވުމާއެކު އެ ލިޔުމުގެ ކޮޕީއެއް މަޖިޅީހުގެ މެންބަރުންނަށް ފޮނުވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. މެންބަރަކު ކުރި ކަމަކީ މަޖިލީހުގެ ގަދަރަށް އުނިކަންލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތް ދެވޭނެ ކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ސުލޫކީ މިންގަޑާ ހިލާފުވާ މެންބަރުން ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާއާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމުކުރުން، މަޖިލީހުގެ ރަސްމީ ދަތުރުތަކުގައާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހުރޫމް ކުރުން އަދި މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފިނަމަ، އެދިން ގެއްލުމުގެ ބަދަލު އެ މެންބަރެއްގެ މުސާރައިން އުނިކުރުންވެސް އަޅާނެ ސުލޫކީ ފިޔަވަޅުގެ ތެރޭގައި ހިމަނާފައިވެއެވެ.

މަޖިލީހުން ފާސްކުރި ގަވައިދުގައި ބުނެފައިވަނީ މެންބަރުންނަށް އަޅާ ސުލޫކީ ފިޔަވަޅަކީ، ޕާލިމެންޓަރީ އަދަބެއްގެ ގޮތުގައި އަޅާ ފިޔަވަޅެއް ކަމަށެވެ.