Last Updated: September 8, 06:07
Sunday, September 8, 2024
މުނިފޫހިފިލުވުން

ކާނާ ވިހަވި ޖާންވީ އަލުން މަސައްކަތަށް

މިދިޔަ ހަފުތާގެ ތެރޭގައި ކާނާ ވިހަވެގެން ހޮސްޕިޓަލްގައި އެޑްމިޓްވެ ފަރުވާ ހޯދުމަށް ފަހު، އިންޑިއާގެ ބަތަލާ ޖާންވީ ކަޕޫރް އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

އޭނަ މިއަދު އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "މި ބޭބް މީގެ ތިން ދުވަސް ކުރިން އޮތީ ހޮސްޕިޓަލްގައި" ކަމަށާއި އެކަމަކު "މިހާރު ބަރާބަރު" ކަމަށެވެ. ޖާންވީ ކާނާ ވިހަވީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު "އުލާޖް" ގެ ޕްރޮމޯޝަށް ހައިދަރުއާބާދާށް ގޮސްފައި އެނބުރި މުމްބާއީ އަށް ދިޔަ ތަނާ އެވެ.

އެގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޖާންވީ، 27، އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

ކުރިއަރަމުން އަންނަ ބަތަލާގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މެއިގައި ރިލީޒްކުރި "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. މި އަހަރުގެ ސެޕްޓެމްބަރުގައި ޖާންވީގެ ފުރަތަމަ ތެލެގޫ ފިލްމު "ދެވާރާ: ޕާޓް 1" ވެސް ރިލީޒްކުރާނެ އެވެ.

ޖާންވީ އަންނަނީ ވަރޫން ދަވަނާ އެކީ "ސަނީ ސަންކާރީ ކީ ތުލްސީ ކުމާރު" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެޕްރީލްގަ އެވެ. ޖާންވީ ބޮލީވުޑަށް ނުކުތީ އެ ސްޓޫޑިއޯގެ 2018 ގެ "ދަޅަކް" އިންނެވެ.