Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ކުރީ ސަރުކާރޭ ކިޔާނެ ކަމެއް ނެތް، ހަރަދު ކުޑަކުރޭ

ކުރީ ސަރުކާރޭ ކިޔުމުގެ ބަދަލުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރަން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ދެހާހާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށާއި މި އަދަދަށް ގައުމަށް ސިޔާސީ މަގާމުތައް އެއްވެސް ހާލަތެއްގައި ބޭނުން ނުވާ ކަމަށެވެ.

މީގެ ސަބަބުން ކުރިއާ އަޅާ ބަލާއިރު ދައުލަތުގެ ޕޭރޯލް އެއް ބިލިއަނުން މައްޗަށް އަރާފައިވާ ކަމަށާއި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ބޮޑުވެގެން އުޅެނީ އެ ސަބަބާއި ހުރެ ކަމަށްވެސް ގަފޫރު ވިދާޅުވި އެވެ.

ދައުލަތަށް ލިބެންޖެހޭ އާމްދަނީ އަންދާޒާ ކުރާ ވަރަށް ވަންނަމުންދާ ކަމަށާއި ނަމަވެސް ދައުލަރުގެ ހަރަދުތައް ކުޑަކޮށްގެން ނޫނީ އިގްތިސާދީ ހާލަތުން އަރައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކޮންމެ ކަމެއް ހުށަހެޅުމެއް ފަހު "ކުރީ ސަރުކާރޭ" ކިޔާ ކަމަށާއި ރައްޔިތުން އާ ސަރުކާރެއް ގެނައީ ކުރީ ސަރުކާރުން ކަންކުރި ގޮތް ގޯސްވެގެން ކަމަށްވާއިރު، މިހާރު ކުރީ ސަރުކާރޭ ކިޔަން ނުޖެހޭ ކަމަށްވެސް ގަފޫރު ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ކުރި ހުރިހާ ކަމެއް އެހުރީ ފެންނަން. އެއްވެސް ކަމެއް ފޮރުވާފައެއް ނެތް. މިހާރު ސަރުކާރާ ހަވާލުވެ ތިބި ފަރާތްތަކުން ކުރީ ސަރުކާރޭ ކިޔައިގެން ކަންކަން ނުކުރުމަށް އެ ދައްކާ ބަހަނާއަކީ އެއީ ރައްޔިތުން ގަބޫލުކުރާނެ ބަހާއެއް ނޫން،" ގަފޫރު ވިދާޅުވި އެވެ.