Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރެއް އެކުލަވާލަނީ

މާރުކޭޓުގައި ވިއްކަން ބަހައްޓާފައިވާ ތަކެތި - ފޮޓޯ: އައްޑޫލައިވް

ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން ކަމަށެވެ.

އަދި، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ގެ ކުރިން މިނިސްޓްރީއާ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.