Last Updated: October 18, 09:44
Friday, October 18, 2024
ޚަބަރު

ދިވެހިންގެ 'އުފާވެރިކަމުގެ މިންގަނޑު' އެކުލަވާލަން ފަށައިފި

ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރުމަށް ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" އެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ 'އުފާވެރިކަމުގެ މިންގަނޑު' އެކުލަވާލަން މަސައްކަތް ފެށުނީތީ ވަރަށް އުފާކުރައްވާ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ރިސާޗް ޕާޓުނަރެއްގެ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ ހިމަނައިގެން ކަމަށެވެ.

"ހެޕީނެސް އިންޑެކްސް" އެކުލަވާލުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ވަނީ ވޯކްޝޮޕެއް ވެސް ބާއްވައިފަ އެވެ. މި ވޯކްޝޮޕަކީ އަގުހުރި ހިޔާލުތަކާއި މި މަސައްކަތަށް ފުޅާ ދާއިރާއެއްގައި ވިސްނުން ގެންގުޅުމުގައި މުހިންމު ދައުރެއް އަދާކުރި ވޯކްޝޮޕެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ހެޕިނެސް އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށަކަށް އަގުވަޒަން ކުރުމަށް އެވޯޑެއްވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވާލާނީ އަމިއްލަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެޕިނެސް އިންޑެކްސްގައި ބަލާ ދާއިރާތައް:

1. ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން
2. ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން
3. ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު
4. ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުން.
5. މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން
6. އިޖުތިމާޢީ އެހީތެރިކަން
7. ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު
8. ސަރުކާރާ މެދު ދެކޭ ގޮތް
9. ދިރިއުޅުމުގެ ފެންވަރު
10. ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު

ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާލަން އަމާޒު ހިފާފައިވާ އިރު، ހެޕިނެސް އިންޑެކްސްގެ ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރު ތަންފީޒު ކުރެވޭނެތޯ މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ.