Last Updated: September 8, 03:07
Sunday, September 8, 2024
ކުޅިވަރު

ސްޕެއިނަށް މޮޅެއް، އާޖެންޓީނާ އެއްވަރު

ފްރާންސްގެ ޕެރިހުގައި މިއަދު ފެށި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އުޒްބެކިސްތާން އަތުން 2-1 އިން ސްޕެއިން މޮޅުވިއިރު އާޖެންޓީނާ އާއި މޮރޮކޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ. އެންމެފަހުން ބޭއްވި އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ބްރެޒިލް އެވެ.

ގްރޫޕް ސީ ގައި ހިމެނޭ ސްޕެއިން އާއި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސްޕެއިނުންނެވެ. އެގޮތުން މި ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ މާކް ޕުބިލް އެވެ. ސްޕެއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، ހާފުގެ ފަހު ވަގުތުކޮޅުތެރޭ ޝޯމޮރުޑޯވް ވަނީ އުޒްބެކިސްތާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 60 ވަނަ މިނެޓްގައި ސްޕެއިނަށް ޕެނަލްޓީއެއް ވެސް ލިބިފައިވެ އެވެ. ނަމަވެސް ސާޖިއޯ ގޮމޭޒް ފޮނުވާލި ޕެނަލްޓީ އުޒްބެކިސްތާނުގެ ކީޕަރު ނެމަޓޯވް ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް އޭގެ ދެ މިނެޓް ފަހުން ގޮމޭޒް ވަނީ މި މެޗުން ސްޕެއިން މޮޅުވި ގޯލު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

ގްރޫޕް ބީ ގައި ހިމެނޭ އާޖެންޓީނާ އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސުފިއާން ރަހީމީ ވަނީ މޮރޮކޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ރަހީމީ ވަނީ މޮރޯކޯ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އާޖެންޓީނާ އިން މި މެޗުގައި ޖެހި ފުރަތަމަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގިއުލިއާނޯ ސިމިއޯނީ އެވެ.

މި ގޯލަށްފަހު އާޖެންޓީނާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެެއްވަރުކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާޖެންޓީނާ އިން ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 މިނެޓްގެ ތެރޭގަ އެވެ. މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން މެޑީނާ އެވެ.

އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓު މިއަދު ފަށާފައިވާއިރު، އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.