Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ދެކުނު އޭޝިއާގައި އެންމެ ބާރުގަދައީ ރާއްޖޭގެ ޕާސްޕޯޓު

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް އަނެއްކާ ވެސް ރާއްޖޭގެ ޕާސްޕޯޓް ހޮވިއްޖެ އެވެ.

ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ފަސޭހަކަމާއެކު އެތެރެވެވޭ ގައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިއަހަރު ވެސް ރޭންކް ކުރެވިފައިވަނީ މި ސަރަހައްދުން އެއްވަނައިގަ އެވެ. އެއީ މުޅި ދުނިޔެއިން 52 ވަނައިގަ އެވެ.

ދިވެހި ޕާސްޕޯޓާއިއެކު މިހާރު 94 ގައުމަކަށް ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވެ އެވެ.

ރާއްޖެއާއި އެންމެ ކައިރިން މިސަރަހައްދުން ވާދަކުރަނީ އިންޑިއާއެވެ. މި ލިސްޓުގައި އިންޑިއާ ރޭންކް ކުރެވިފައިވަނީ 82 ވަނައިގަ އެވެ. އެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނީ 58 ގައުމަކަށެވެ.

ޕާސްޕޯޓް އިންޑެކްސްގައި މިފަހަރު އެއްވަނަ ހޯދާފައިވަނީ ސިންގަޕޫރުންނެވެ. ސިންގަޕޫރުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލާ 195 ގައުމަކަށް ދަތުރުކުރެވެ އެވެ.