Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ތޮއްޖެހުމަށް ހައްލެއް ހޯދަން "މާލެ ފަހި" އިފްތިތާހުކޮށްފި

"މާލެ ފަހި ޕްރޮގްރާމް" ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފަ އެވެ.

މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.