Last Updated: September 8, 03:07
Sunday, September 8, 2024
ކުޅިވަރު

އާޖެންޓީނާގެ ގޯލު ކެންސަލްކޮށްފި، މޮރޮކޯއަށް މޮޅެއް

ފްރާންސްގެ ޕެރިހުގައި މިއަދު ފެށި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި މޮރޮކޯ ބައްދަލުކުރި މެޗުގައި އާޖެންޓީނާ އިން ޖެހި ދެވަނަ ގޯލު އެއް ގަޑިއިރު ފަހުން ކެންސަލްކޮށްފި އެވެ.

ގްރޫޕް ބީ ގައި ހިމެނޭ އާޖެންޓީނާ އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ކުޅުން ރެފްރީ މެދުކަނޑާލިއިރު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގައި އާޖެންޓީނާ އިން ދެވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 މިނެޓްގެ ތެރޭގަ އެވެ. މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން މެޑީނާ އެވެ.

މި ގޯލު ކާމިޔާބު ކުރުމާއެކު މޮރޮކޯގެ ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކާއެކު، ރެފްރީ ވަނީ މެޗުގެ ކުޅުން މެދުކަނޑާލާފަ އެވެ.

މެޗުގެ ކުޅުން މެދުކަނޑާލިތާ އެއް ގަޑިއިރު ފަހުން ރެފްރީ ވަނީ ދަނޑަށް އަރައި، އާޖެންޓީނާ އިން ޖެހި ދެވަނަ ގޯލު ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު، އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ. އަދި މެޗުގެ ކުޅުން ތިން މިނެޓަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ތިން މިނެޓްގެ ތެރޭގައި އާޖެންޓީނާ އަށް ނަތީޖާ އެއްވަރު ކުރެވޭ ގޮތް ނުވިއިރު، މޮރޮކޯ އަށް ވަނީ މުހިއްމު މޮޅެއް ލިބިފަ އެވެ.

ގްރޫޕް ބީ ގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ އިރާގާ އެވެ. މޮރޮކޯ ނިކުންނާނީ ޔުކްރޭންއާ ދެކޮޅަށެވެ.