Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި

ބިދޭސީންތަކެއް މަސަތްކަތް ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ކުންފުނިތަކުގެ ލިސްޓެއް ހޯމް މިނިސްޓްރީން ނެރެފި އެވެ.

މިނިސްޓްރީން ނެރުނު ލިސްޓުގައި 1026 ކުންފުންޏެއްގެ މަޢުލޫމާތު ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

މި ލިސްޓުގައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާ ވެސް 26.8 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރަ އެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހިމެނެ އެވެ.

މިނިސްޓްރީން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގާފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމަށްވެސް މިނިސްޓްރީން ކުރި އިއުލާނުގައިވެ އެވެ.