Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ސަރުކާރުން ޒަމާނީ ޓެކްސީ ހިދުމަތެއް ފަށަނީ

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ސަރުކާރުން ޒަމާނަށް ފެތޭ، ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

މިކަން ހާމަކުރީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ފެށި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާ ގަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ހާމަކުރަން ގެނެސްދިން ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުން ގެންދާ ގޮތަށް، ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި ޓެކްސީ ލައިނެއް ތައާރަފްކޮށް ހިދުމަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މި ޓެކްސީ ލައިނުގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޓެކްސީ ލައިނަކީ ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ވެހިކަލް 25 ޕަސެންޓް މަދުވެގެން ބޭނުން ކުރާ ޓެކްސީ ލައިނެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.