Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އަޑުގަދަވާ ގޮތަށް ސައިކަލު ދުއްވާ މީހުން ހުއްޓުވާނަން

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ފެށި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް، ބާރަށް އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވުން ވެސް ހުއްޓުވާނެ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ޤާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ޚާއްޞަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރިއާއި، ހޮސްޕިޓަލްތަކުގެ ކައިރި އާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ޚާއްޞަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.