Last Updated: October 18, 10:45
Friday, October 18, 2024
ކުޅިވަރު

ފްރާންސަށް ބޮޑު މޮޅެއް

ފްރާންސްގެ ޕެރިހުގައި އިއްޔެ ފެށި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރޭ ފްރާންސުން 3-0 އިން އެމެރިކާ ބަލިކޮށްފަ އެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ. މިގޮތުން ފްރާންސުން ޓީމަށް ނެގި ސީނިއާ ތިން ކުޅުންތެރިންނަކީ އެލެގްޒެންޑާ ލަކަޒެޓް އާއި ފިލިޕޭ މާޓޭޓާގެ އިތުރުން ލޮއިކް ބާޑޭ އެވެ.

ތިއެރީ އޮންރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފްރާންސުން ޓީމުން ލީޑު ނެގީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ. އެމެރިކާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލަކަޒެޓް އެވެ. ނަތީޖާ އެއްވަރުކޮށްލަން އެމެރިކާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އާރޮންސަން ފޮނުވާލި ހަމަލާ ފްރާންސްގެ ގޯލްކީޕަރު މަތަކުރިއިރު، ޓޮލްކިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެމެރިކާ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 69 ވަނަ މިނެޓްގައި ފްރާންސުން ލީޑު ފުޅާކުރުމެވެ. ފްރާންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ދާދިފަހުން ޖަރުމަނުގެ ބަޔާން މިއުނިކާއި ގުޅުނު މައިކަލް އޮލީސޭ އެވެ. އެމެރިކާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ އޮލީސޭ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

ފްރާންސްގެ ތިންވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބާޑޭ އެވެ.

ފްރާންސް ހިމެނޭ ގްރޫޕް އޭ ގައި ރޭ ނިއުޒިލޭންޑުން ވަނީ 2-1 އިން ގިނީ ބަލިކޮށްފަ އެވެ. މި ގްރޫޕްގައި ފްރާންސް ދެން ނިކުންނާނީ ގިނީއާ ދެކޮޅަށެވެ.