އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާއި މަގު ހެދުމުގެ ހެދުމުގެ ތެރެއިން އެޗްޕީވީ ކޭބަލެއް ބުރިވެފައިވާތީ އަދިވެސް ކަރަންޓް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެެ.
ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީން ކޮންމެ ދުވަހަކު ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ، ގިނަ ބައެެއްގެ ފާޑުކިޔުންތައް ފެނަކަ އަށް އަމާޒުވެފައި ވަނިކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ 1.8 މެގަވޮޓްގެ އިންޖީނަކަށް ދިމާވި މައްސަލައިގެ ސަބަބުން ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
އެހެންވެ އިންޖީނުގެ މަރާމާތަށް ބޭނުންވާ ސްޕެއާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެެވެ. އެކަމަކު އެ ސްޕެއާ އަކީ ރާއްޖެ އިން ލިބެން ނެތް އެއްޗަކަށްވުމުން އެ ހޯދުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
"ސްޕެއާ ހޯދައި، އިންޖީނު މަރާމާތު ކުރުމުގެ އިތުރުން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ހޯދަން ކުންފުނިން އަންނަނީ މަސައްކަތްތަކެއް ކުރަމުން." ފެނަކަ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގެއް ކޮންނަނިކޮށް އެޗްޕީވީ ކޭބަލެއް އަލުން ބުރިވީ މި މަހުގެ 1 ގައި ކަމަށެވެ. އަދި ކުރިން ވެސް މި މައްސަލަ ދިމާވެގެން އެކަން ހައްލުކޮށްފައިވާ ކަމަށާއި އެކަމަކު އަނެއްކާ ވެސް އެކަން ކުރަން ޖެހިފައިވާތީ ކަރަންޓް ކެނޑެނީ ކަމަށް ފެނަކަ އިން ބުންޏެވެ.
"[އެހެންވެ] މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާތީ މައްސަލަ އިތުރަށް ދިމާވެދާނެ މި ކޯޕަރޭޝަނަށް ގަބޫލު ކުރެވޭ." ފެނަކަ އިން ބުންޏެވެ. "އެހެންވެ އަބަދު ވެސް މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމުގެ ޔަގީކަން ދެން."
ފެނަކަ އިން ބުނީ އައްޑު އަށް 1.6 މެގަވޮޓްގެ އާ ޖަނެރޭޓަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ ކުންފުނިން މިކަން ފުރަތަމަ ހާމަކުރީ މާޗް މަހުގެ ތެރޭގަ އެވެ.
އައްޑޫގެ ކަރަންޓް ދާއިމީ ހައްލެއް ހޯދަން ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން އޮތީ ޗައިނާގެ ކުންފުންޏަކާ ހަވާލު ވެސް ކޮށްފަ އެވެ. އެ މަސައްކަތް މި އަހަރުގެ އެޕްރީލް 18 ގައި ހަވާލުކުރީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.
އެ މަޝްރޫއާ ގުޅޭ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދު ވިދާޅުވެފައި ވަނީ ޕަވަ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށެވެ. އެގޮތުން މި މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.